ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމަށް އިނގިރޭސި އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. އެމަނިކުފާނު މި ދަޢުވަތު ދެއްވީ، އިނގިރޭސިވިލާތުގެ ލަންޑަންގައި، ކޮމަންވެލްތު އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީ.އީ.އައި.ސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަކީ އިނގިރޭސި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ރާއްޖެއިން ބޭއްވި ބިޒްނަސް ފޯރަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރުގައި ކުރެއްވި މުހިންމު ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ވަރަށް ބޮޑަށް ކުރިއަރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް މެންބަރުންނާއި، އިނގިރޭސިވިލާތާއި ރާއްޖޭގެ ކޯޕަރޭޓް ސެކްޓަރގެ ބޭފުޅުންނާއި، އެކިއެކި ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ދެ ޞިނާޢަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ އަހަރު 180,000 އަށްވުރެ ގިނަ އިނގިރޭސި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހި މަހުގެ އުފެއްދުންތަކުގެ ތެރެއިން އަހަރަކު 20 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރެވޭކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު ބައްޓަންކުރުމަށް، މުހިންމު ފަސް އިސްތިރާހީ ދާއިރާއަކުން އިނގިރޭސި އިންވެސްޓްމަންޓުތަކަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ. އެއީ:
- ކްރިއޭޓިވް އިޤްތިޞާދު: ޑިޖިޓަލް ކޮންޓެންޓް، ޑިޒައިން، މީޑިއާ، ގޭމިންގް އަދި ސަގާފީ މަސައްކަތްތައް ހިމެނޭ މި ދާއިރާއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ޖީ.ޑީ.ޕީގެ %15 މި ދާއިރާއިން ހޯދުމުގެ މަޤްސަދުގައި ކުރިއަށްދާ ސިނާއަތެކެވެ. ޒުވާނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި ދިވެހި ހުނަރުވެރިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
- ޑިޖިޓަލް ބަދަލުތައް (ޑިޖިޓަލް ޓްރާންސްފޮމޭޝަން): ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް، ސްމާޓް ދައުލަތެއް ޤާއިމުކުރުމުގެ އަމާޒުގައި އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، ސޮފްޓްވެއަރ ފޯރުކޮށްދޭ ފަރާތްތަކާއި، އީ-ގަވަރނަންސްގެ މާހިރުންނާއި، ސައިބަރ ސެކިއުރިޓީ ކުންފުނިތަކަށް ރައީސް ދައުވަތު ދެއްވިއެވެ.
- ބާރުބަދަލުކުރަނިވި ހަކަތަ (ރިނިއުވަބަލް އެނަރޖީ): 2028 ވަނަ އަހަރާ ހަމައަށް ޤައުމުގެ ކަރަންޓުގެ ބޭނުމުގެ ތިންބައިކުޅަ އެއްބައި (33%) އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މި ނިސްބަތަކީ 4% އެވެ. ފުރަތަމަ ފަހަރަށް 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕްރޮޖެކްޓަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ހުއްދަ ދޫކޮށްފައިވާއިރު، މި ޕްރޮޖެކްޓުން ތެޔޮ އިމްޕޯޓްކުރުމަށް ކުރާ ޚަރަދުން އެތައް މިލިއަން ޑޮލަރުރެއް ސަލާމަތްވާނެކަމަށް ބެލެވެއެވެ.
- މަސްވެރިކަމާއި ކަނޑުގެ އީޖާދީ މަސައްކަތްތައް: ދިވެހި މަސްވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ތަނބެއްކަން ފާހަގަކުރައްވައި، މެރިކަލްޗަރއާއި ދެމެހެއްޓެނިވި އެކުއަކަލްޗަރއާއެކު މަސް ޕްރޮސެސްކުރުން ފުޅާކޮށް، އާންމު ކަނޑުމަހުގެ މަސްވެރިކަމަށް އަގު އިތުރުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް އިތުރުކުރުމަކީ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. މި ފޯރަމްގައި "މޯލްޑިވްސް ފިޝަރީ" ބްރޭންޑް ވެސް ރަސްމީކޮށް އިފްތިތާހުކުރެވުނެވެ.
- ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗަރ: ފަތުރުވެރިކަމަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ މެދަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ލަގްޒަރީ ޓޫރިޒަމްގެ އިތުރުން ވެލްނެސް، ކުޅިވަރު، ކްރޫޒް އަދި ހަލާލު ޓޫރިޒަމް ފަދަ އާ ބާޒާރުތަކަށް ރާއްޖެއިން ހުޅުވާލަމުންދެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ ފަހުކޮޅު ހުޅުވޭނެކަމަށާއި، މީގެ ސަބަބުން ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ކާގޯ އާއި، ވައިގެ ހިދުމަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ނޫންކަމަށާއި، އިންވެސްޓްކުރުމަށާއި، އީޖާދީ މަސައްކަތްތަކަށް ފުޅާ ޕްލެޓްފޯމެއްގެ ގޮތުގައި އާދެއެވެ. އެގޮތުން، ސިޔާސީ ހަމަޖެހުމާއި، ރައްކާތެރި މާހައުލަކާއި، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ މެދުގައި ރާއްޖެ އޮންނަ ސްޓްރެޓީޖިކް މުހިންމު ތަނާއި، ޤާބިލް އަދި ހުނަރުވެރި ޒުވާން އާބާދީއެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރު ރާއްޖޭގެ އިންވެސްޓްމަންޓް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 45 އަހަރުވީ ޤާނޫނު ބަދަލުކޮށް، އާ ޤާނޫނެއް ފާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޤާނޫނުން އިންވެސްޓަރުންނަށް ރައްކާތެރިކަން އިތުރުކޮށް، ހުއްދަތައް ދޫކުރުމުގެ އުސޫލުތައް ފަސޭހަކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ އޮނިގަނޑު އަލުން ހިނގާފައިވާ ކަމަށާއި، މިއީ ހަކަތަ، ބަނދަރު ތަރައްގީކުރުން، ޞިއްހަތާއި ތަޢުލީމު އަދި ފައިނޭންސް ފަދަ ދާއިރާތަކަށް ޚާއްސަ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމާސްއާއެކު އަލަށް ސޮއިކުރެވުނު އެމް.އޯ.ޔޫ. އަކީ، އިނގިރޭސިވިލާތާއި ރާއްޖޭގެ ވިޔަފާރި ގުޅުންތަކަށް ބޭނުންވާ މުއައްސަސާގެ އޮނިގަނޑެއް ފޯރުކޮށްދޭނެ އެއްޗެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ފޯރަމްގެ މަޤްސަދަކީ ހަމައެކަނި އިންވެސްޓްމަންޓްތައް ހޯދުން ނޫންކަމަށާއި ދިވެހިރާއްޖޭގެ މުސްތަޤްބަލު ބައްޓަންކުރާނެ ދެމެހެއްޓެނިވި، އީޖާދީ ބައިވެރިވުންތައް ޤާއިމުކުރުންކަމަށެވެ. މި ބަދަލުގެ ދަތުރުގައި ބައިވެރިވުމަށް އިނގިރޭސި ވިޔަފާރިތަކަށް އެމަނިކުފާނު ވަނީ ދަޢުވަތު ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެއެވެ.

