ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައި ބައިވެރިވުމަށް 6،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މުޖުތަބާ ވިދާޅުވީ، ކުރީގެ ރައީސުންނަށްވެސް ދައުވަތު އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މާދަމާއިން ފެށިގެން ދައުވަތު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި އުފާވެރި މުނާސަބަތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ބޭނުން މި އުފަލުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން. އަޅުގަނޑުމެން ދައުވަތު ދެން ހުރިހާ ކައުންސިލްތަކާއި ރަށްތައް ވެސް ފުޓްބޯޅަ މޫސުމުގައި ފުޓްބޯޅަ ބަލާހެން އިވެންޓް ބަލަން ތިބެން،” މުޖުތަބާ ވިދާޅުވިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ޓާމިނަލް ހުޅުވުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ.
އާ ޓާމިނަލްގައި ހަ އެއިރޯ ބްރިޖާއި، ސެލްފް ޗެކިން ސިސްޓަމާއި، އޮޓޯމެޓިކް ބެގޭޖް ހެންޑްލިންގ ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ. މި ޓާމިނަލް ހުޅުވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

