ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ފްލެޓުގެ އަށްވަނަ ޓަވަރުން ވެއްޓި އުމުރުން 18 އަހަރުގެ ޒުވާނަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މައުލޫމާތު ދިނުމުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިއަދު ހަވީރު 4:30 ހާއިރުއެވެ. އަދި އެ ޒުވާނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ
އެނގިފައިވާ ގޮތުގައި ހަތްވަނަ ފަންގިފިލާއިން ވެއްޓުނު އެ ޒުވާނާގެ މޫނުމައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އެޒުވާނާއަށް އެކި ވަރުގެ އަނިޔާ ލިބިފައި ހުރިކަން ބޭރުފުށުން ފެންނަން ހުރި ކަމަށާއި، އެހެންކަމުން ސީޓީ ސްކޭންތަކާއި އެހެނިހެން ޓެސްޓުތައް ހަދައި، ލިބިފައި ހުރި އަނިޔާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަރުހޫމް ޝިއާން ހަބީބުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ. “މަރްހޫމް ޝިއާން ހަބީބު، މާތްﷲގެ ތަނަވަސް ރަހުމަތުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން” މިފަދައިން ރައީސް ވިދާޅުވިއެވެ.

