ހެނދުނު ހޭލާއިރު ކިނބިހި އެޅުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ޚާއްޞަކޮށް ސައިނަސްގެ މައްސަލަ ހުންނަ މީހުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މި މައްސަލައަށް ގޭގައި ތިބެގެން ކުރެވިދާނެ ބައެއް ކަންތައްްތަކުން ވަގުތީ ހައްލެއް ހޯދިދާނެއެވެ. އެހެންނަމަވެސް މާބޮޑަށް އާދަވެ މިގޮތަށް އުނދަގޫވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދައި ޑޮކްޓަރަށް ދެއްކުން މުހިންމެވެ.
ލޮނުފެނުން ނޭފަތް ސާފުކުރުމަކީ ކިނބިހި އެޅުމުގެ މައްސަލައަށް ވަރަށް ރަނގަޅު ހައްލެކެވެ. މިގޮތަށް ނޭފަތް ސާފުކުރުމުން ނޭފަތުގައި ހުންނަ ހިރަފުހުން ހެދިފައި ހުންނަ ހަޑިއާއި އެހެނިހެން ތަކެތި ނައްތާލުމަށް އެހީތެރިވެދެއެވެ. އަދި ހަމައެހެންމެ ހޫނު ފެނުގެ އާވިން ސްޓީމް ކުރުމަކީވެސް ވަރަށް ފައިދާހުރި ކަމެކެވެ. މިކަން ކުރުމުގައި ޔުކެލިޕްޓަސް ނުވަތަ ޓީޓްރީ އޮއިލް ފަދަ އެސެންޝަލް އޮއިލްތައް ބޭނުންކުރެވިދާނެއެވެ.
ހޫނު ބުއިންތައް، ޚާއްޞަކޮށް އިނގުރު ސައި، ފޮނިތޮށި ސައި، ފަދަ ބުއިންތައް ބުއިމުން ނޭފަތާއި ކަރަށް ތަދުވުމާއި އުނދަގޫވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މާމުއި ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ. އަދި ޔޯގަޓް ފަދަ ޕްރޮބަޔޮޓިކްސް އެކުލެވޭ ކާނާ ބޭނުންކުރުމުން އެލަރޖީގެ އަލާމާތްތައް މަދުކުރުމަށް އެހީތެރިވެދެއެވެ.
ނިދާ ކޮޓަރި ގަވާއިދުން ސާފުކޮށް، އެނދުގެ ބެޑްޝީޓްތައް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ގޭތެރޭގައި ގެންގުޅޭ ޖަނަވާރުތައް ނިދާ ކޮޓަރިން ދުރުކުރުމާއި، އެއަރ ޕިއުރިފައިއަރ ބޭނުންކުރުމުން ވައިގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. ނިދަން އޮށޯންނަން އިރު ފެންވަރައި ސާފުވުމުން ހަށިގަނޑުގައި ހުންނަ ބޭކާރު ނުފެންނަ ޖަރާސީމުތަކުން ސާފުވެ އަރާމުކަން ލިބިދިނުމާއެކު މީހާގެ ސިއްހަތަށްވެސް އޭގެ އެދެވޭ އަސަރު ކުރާނެއެވެ.
ގަވާއިދުން އެކަށީގެންވާ ވަރަށް (7-8 ގަޑިއިރު) ނިދުމާއި، ރޭގަނޑު ނިދަން އޮށޯންނައިރު މޫނު ރަނގަޅަށް ދޮވެ ސާފުކުރުމާއި، އެއްވެސް ކްރީމެއް ހާކަން ބޭނުންނަމަ ރަނގަޅު ކޮލިޓީގެ މޫނު ކްރީމެއް ބޭނުންކުރުމަކީ މި މައްސަލައިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. އަދި ހަމައެހެންމެ ފިނިގަދަކޮށް ނިދުމަކީވެސް ކިނބިހި އެޅުމަށް މަގުފަހިވާ ކަންކަން ކަމުގައިވާތީ، މިކަންކަމުން ދުރުހެލިވުން މުހިންމެވެ.

