ސަސްޕެންޝަންގައި އަށް މަސް ބެހެއްޓުމަށްފަހު، ކަރެކްޝަންސް ސާރވިސްގެ އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރުގެ މަގާމުން މުހައްމަދު އާސިފް ވަކިކޮށްފިއެވެ.
އާސިފް މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މިހާތަނަށް އޭނާ ސަސްޕެންޝަންގައި ހުރީ މުސާރަ ލިބޭގޮތަށެވެ.
އާސިފް ވަޒީފާއިން ވަކިކުރީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރުމުގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ކަރެކްޝަންސް އިން ބުނީ، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އާސިފް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

