ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އާ ހަމަޔަށެވެ.
މީގެއިތުރުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އާހަަމައަށެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

