ގދ. މަޑަވެލި ކައިރި ބޭރުން ދަތުރުކުރަނިކޮށް އޮޔާދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން، އޭގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބައި ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުންޖަހާލައި އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިންކަމަށެވެ.
އަދި އޮޔާދާކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައިއެވެ.
މުޅި ރާއްޖެއަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ކަނޑުދަތުރުކުރާ ފަރާތްތަކާއި އުދައަރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

