މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިއަދު މެންދުރު 1:30 އިން 5:30 އާ ދެމެދު، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މިހާރުވެސް ދަނީ އެކި ހާދިސާތައް ހިނގަމުންނެވެ. މިގޮތުން ގދ. މަޑަވެލިން ދަތުރުކުރި ޑިންގީއެއް ގެއްލިގެން މިއަދު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ޑިންގީ ހޯދަމުންދަނިކޮށް، ބެހިގެން އޮޔާދިޔަ އިތުރު ޑިންގީއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވެ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.
މި ހާލަތާ ގުޅިގެން ކަނޑުދަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ އިތުރުން ފުލުހުންވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

