އިތުބާރުހުރި މަޤާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅުނު މައްސަލައެއްގެ ތަޙުޤީޤު ފުލުހުން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިރޭ ހާމަކުރި ގޮތުގައި، މި މައްސަލަ ހިނގާފައިވަނީ ސައުތު ޕޮލިސްގެ ދާއިރާގެ ރަށެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ސައުތު ޕޮލިސްގެ ދާއިރާގައި ހިމެނެނީ ހުވަދު އަތޮޅު އުތުރުބުރި (ގއ. އަތޮޅު)، ހުވަދު އަތޮޅު ދެކުނުބުރި (ގދ. އަތޮޅު)، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ. ނަމަވެސް މައްސަލަ ހިނގި ވަކި ރަށެއް ފުލުހުން ވަނީ ހާމަކޮށްފައި ނުވެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަނީ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ގުޅިގެންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އައުމާއެކު، މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.

