ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މަސައްކަތާއި މި ސަރުކާރުން ހަވާލުވިއިރު، އެތަނަށް ބޭނުންވާ އެތައް މުހިންމު ކަމެއް ނުފެށި އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ “ހޭޔަންބޯ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ މަސައްކަތް މި ސަރުކާރާ ހަމައަށް އައިއިރު އޮތީ އޮޕަރޭޝަނަލް ޓާމިނަލެއް ހެދުމަށް ކުރަންޖެހޭ މަސައްކަތުގެ 40 ޕަސެންޓް އެކަނި ނިމިފައެވެ. ނަމަވެސް މިހާރު ވަނީ ގިނަ ގޮންޖެހުންތަކާއެކުވެސް އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވެފައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އެފަދަ ބޮޑު މަޝްރޫއެއް ފެށިއިރު، އެންމެ މުހިންމު އެއް ބައިކަމަށްވާ ހެޑް އޮފް ސްޓޭންޑް މަގުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވެއެވެ. މީގެ އިތުރުން ކަރަންޓާއި ފެނުގެ ނިޒާމުވެސް އާ ޓާމިނަލަށް ގާއިމުކޮށްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ހެޑް އޮފް ސްޓޭންޑް ރޯޑަކީ ޓާމިނަލާއި އޭޕްރަން ގުޅުވައިދޭ ބުރިޖު ނުވަތަ ފާލަން. އެއީ ހަމައެކަނި މަގެއް ނޫން. އޭގެ ދަށުގައި ހުންނާނެ ހުރިހާ ސާވިސްތަކެއް،” ޝަރީފް ވިދާޅުވިއެވެ.
މި ސަރުކާރުން އެއާޕޯޓާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި މަސައްކަތްތަކުގެ ތެރޭގައި ހެޑް އޮފް ސްޓޭންޑް މަގު ހެދުމާއި، ޓާމިނަލަށް ބޭނުންވާ 12-16 މެގަވޯޓުގެ ކަރަންޓު އަދި ފެނުގެ ނިޒާމު ގާއިމުކުރުން ހިމެނެއެވެ.
އާ ޓާމިނަލްގައި ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ސެލްފް ސާވިސް ކިއޮސްކްތަކާއި އޮޓޮމޭޓެޑް ސިސްޓަމްތައް ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ. މި ވަސީލަތްތަކުގެ ސަބަބުން ޓާމިނަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

