ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް، އިންވެސްޓަރުންނަށް ހާމަކޮށްދިނުމަށް ކެނޑުނޭޅި މަސައްކަތްކޮށް އިޝްތިހާރުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވުނު އިންވެސްޓްމެންޓް ފޯރަމްގައި، ރައީސް މުއިއްޒު ރާއްޖޭގެ ފިޝަރީޒް ބްރޭންޑް “ފްރޮމް މޯލްޑިވްސް” ލޯންޗްކުރެއްވިއެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ އިނގިރޭސި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
“ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިޝްތިހާރުކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއް،” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ފޯރަމްގައި ބައިވެރިން އެންމެ ބޮޑު ޝައުގުވެރިކަމެއް ދެއްކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވީ ނަމަވެސް، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކަށްވެސް ޝައުގުވެރިކަން އިތުރުވަމުންދާކަން ފާހަގަކުރެވުނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ފޯރަމްގެ ތެރެއިން، ވެސްޓް-ލަންޑަން ޗެމްބަރ އޮފް ކޮމާސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ އިނގިރޭސިވިލާތުގައި މިފަދަ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

