ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވާ އިރު، އެ ޓާމިނަލުގައި ހިދުމަތް ދޭން ތިބޭނީ 100 އިންސައްތަ ދިވެހި ޒުވާނުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ހޭޔަންބޯ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި ޓާމިނަލަކީ ދިވެހިންނަށް ވަރަށް ފަޚުރުވެރި އަދި ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދިޔަ މަސައްކަތަކަށް ވެގެންދާނެ ކަމަށެވެ.
“އަޅުގަނޑު ވަރަށް އުފާވެ ފަޚުރުވެރިވާ ކަމެއް މިހާ ޓެކްނިކަލީ އެޑްވާންސް ފެސިލިޓީއެއް ރަން ކުރަން މިތިބީ 100 އިންސައްތަ ދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލް ހަމަ ވަރަށް އުޖާލާ،” ޝަރީފް ވިދާޅުވިއެވެ.
އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، އިންޓަނޭޝަނަލް އެއާޕޯޓް ކޮންސަލްޓިން ފާމެއްގެ އިރުޝާދުގެ ދަށުން، މީގެ 6 މަސް ކުރިން ފެށިގެން މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
އާ ޓާމިނަލުން ދޭނީ އަޔާޓާގެ މިންގަނޑުތަކުން ލެވެލް އޮފް ސާވިސްގެ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ އެމްޑީގެ ހަޔާތުގައި ފުރަތަމަ ދަރިފުޅު ލިބުނު ދުވަހަށްފަހު، ދެވަނައަށް އެންމެ އުފާވެރި ދުވަސް ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްއޭސީއެލްގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަހަރަށްވުރެ މިއަހަރު ކުންފުންޏަށް ފައިދާ އިތުރުވާނެ ކަމަށާއި، ލޯނުތައް ދެއްކުމުގެ ފުރިހަމަ ގާބިލުކަން ކުންފުންޏަށް ލިބިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

