އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން އިތުރުވި ރަށެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، ވޭމަންޑޫގައި މި ޚިދުމަތް ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
ޑީއެންއާރުން އިތުރަށް ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ 27 ރަށެއްގައި މި ޚިދުމަތް ދެމުންދެއެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް ރާއްޖެއިން ބޭރުގައިވެސް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާއިރު، މެލޭޝިއާއަކީ ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. މާލެ ސަރަޙައްދުން ބޭރުން އެންމެ ފުރަތަމަ މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ، އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީއެކެވެ.

