ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،097،160 ފަތުރުވެރިންނެވެ.
ޖުލައި މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެކަނި ރާއްޖެއަށް 94،132 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތައިގެ އިތުރު އަދަދެކެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،883 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު، މި ފާއިތުވީ ދެ މަހު މި އަދަދު ހުރީ 4،000ގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ޗައިނާއިން 165،134 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 140،298 ފަތުރުވެރިންނާއި އިނގިރޭސިވިލާތުން 115،133 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން (72.8 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އޭގެ ފަހުން އެންމެ ގިނައީ ގެސްޓްހައުސްތަކުގައި (22.2 އިންސައްތަ) ޗުއްޓީ ހޭދަކުރި ފަތުރުވެރިންނެވެ. ހޮޓާތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 2.7 އިންސައްތައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުކޮށްފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

