ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް މިހާރު އެކުލަވާލަމުންދާ އާ މާސްޓަރ ޕްލޭންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިމި، އޭގެ ތަންފީޒީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވި ގޮތުގައި، މި އާ މާސްޓަރ ޕްލޭން އެކުލަވާލަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭ ތަރައްގީ ކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. އަދި މި ޒަމާނާ އެއްގޮތަށް ބައިނަލްއަގްވާމީ ފެންވަރުގެ ވަރަށް ގިނަ ކަންކަން މި މާސްޓަރ ޕްލޭނުގައި ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާސްޓަރ ޕްލޭން އަތަށް އެރުމާ އެކު އިރާދަކުރެއްވިއްޔާ އޭގައި ހުރި ވަކި ކޮމްޕޯނަންޓުތަކުގެ އަމަލީ މަސައްކަތް ފައްޓާނަން. އޭގެ ތެރޭގައި އޮންނާނެ ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން،" ޝަރީފު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ ފަސިންޖަރުން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާތީ، ހުރިހާ ޚިދުމަތެއް އެއް ފެންވަރެއްގައި ދިނުމަށްޓަކައި ޑޮމެސްޓިކް ޓާމިނަލްގެ ފެންވަރު ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އެއާޕޯޓުގައި ފްރީ ޒޯނެއް ގާއިމުކުރުން ފަދަ އިތުރު ގިނަ ކަންކަމަށް މި އާ މާސްޓަރ ޕްލޭނުގައި ރިއާޔަތްކޮށްފައިވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރާނެ ގޮތުގެ މާސްޓަރ ޕްލޭނެއް 2007 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސްކޮޓް ވިލްސަން ކުންފުނިން ވަނީ އެކުލަވާލާފައެވެ. އެއީ 25 އަހަރުގެ މުއްދަތަށް ހެދި، ހަތް މިލިއަން ރުފިޔާ (545,000 ޑޮލަރު) ހޭދަކުރި މާސްޓަރ ޕްލޭނެކެވެ. އޭގެ ފަހުން ޗަންގީ އެއާޕޯޓް މެދުވެރިކޮށް އެ މާސްޓަރ ޕްލޭން އިތުރަށް ފުރިހަމަކޮށްފައިވެއެވެ.

