ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައެއްގައި ހައްޔަރުކުރެވުނު އަންހެނެއްގެ ބަންދު މުއްދަތުގެ ގޮތުގައި ކްރިމިނަލް ކޯޓުން 15 ދުވަސް ކަނޑައަޅައިފިއެވެ.
މި މައްސަލާގައި ހައްޔަރުކުރެވިފައިވަނީ އައްޑޫ ސިޓީ ހިތަދޫ، ލޫޒަން، އާލާ އިބްރާހީމް ރަޝީދު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ.
ކްރިމިނަލް ކޯޓުން އާލާގެ ބަންދަށް މުއްދަތު ޖަހާފައިވަނީ ދެ މައިގަނޑު ސަބަބަކަށް ބިނާކޮށެވެ. އެގޮތުން، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ އާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ކޯޓުގައި ފާހަގަކުރި ގޮތުގައި، އާލާގެ މައްޗަށް ތުހުމަތުކުރެވޭ މިބާވަތުގެ އިތުރު މައްސަލަތަކެއްގެ ތަޙުޤީޤުވެސް މިވަގުތު ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

