ހދ. ނައިވާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 47.5 މިލިއަން ދިވެހި ރުފިޔާއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން 41,618.07 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 15,320 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، ހަމަ އެ ސައިޒުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 300 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން 73 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި 231 ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2,087 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި 10 މީޓަރު ދިގު، ނުވަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 95 މީޓަރު ދިގު ދެ މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ. މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި އަދި މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫއު ފުރިހަމަވުމުން ނައިވާދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ޚިދުމަތް ލިބި، އެ ރަށުގެ މަސްވެރިކަމާއި ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

