މާލޭގައި ފައިސާ ފޭރުމަށް ފަހު ގެއަކަށް ވަދެ ތިބި ދެމީހަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 23:57 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭގެ ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، އެމީހާގެ އެކައުންޓުން 200 ރުފިޔާ ޓްރާންސްފަރ ކުރުވާފައިވެއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، ތުހުމަތުކުރެވޭ ފަރާތްތައް ތިބި ގެއަށް ވަންނަން އުޅުމުން، އެމީހުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވެއެވެ.
މި ހާދިސާގައި ނ. ވެލިދޫ، ވަރީސާ މަންޒިލް، ހަސަން ލޫޖެއިން މުހައްމަދު (23އ) އަދި މާލެ، ހ. ކަނޑުފިނީގެ، މުހައްމަދު ޝަފީއު (55އ) ވަނީ ހައްޔަރު ކުރެވިފައެވެ. މި ދެމީހުން ހައްޔަރުކުރެވިފައިވަނީ ބާރުގެ ބޭނުންކޮށް ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، މި ހާދިސާގައި ހައްޔަރު ކުރެވުނު ދެމީހުންނަށާއި ފުލުހުންނަށްވެސް އެކި ވަރުގެ އަނިޔާވެފައިވެއެވެ. އަދި އަނިޔާވި ފަރާތްތަކަށް ވަނީ ބޭސްފަރުވާ ފޯރުކޮށްދެވިފައެވެ. ކޯޓަށް ހާޒިރު ކުރުމުން، މި ދެމީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން މިހާރު ގެންދަނީ ފައިސާ ފޭރުމުގެ މައްސަލަ އާއި، ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ތަހުގީގު ކުރަމުންނެވެ.

