ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖަރު ޓާމިނަލް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ދެއްކޭނެކަމުގެ ޔަގީންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދީފިއެވެ.
ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، މި މަޝްރޫޢުއަށް ތިން ސަރުކާރެއްގައި ޖުމުލަ 400 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެއެވެ. މީގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުން 2016 ވަނަ އަހަރު ނެގި 272 މިލިއަން ޑޮލަރާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2021 ގައި ނެގި 50 މިލިއަން ޑޮލަރު، އަދި ރައީސް މުޢިއްޒުގެ ސަރުކާރުން 2024 ގައި ނެގި 157 މިލިއަން ޑޮލަރު ހިމެނެއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފު ވިދާޅުވި ގޮތުގައި، އައު ޓާމިނަލާއެކު ކުންފުނީގެ އާމްދަނީ އިތުރުވެ، ލޯނު ދެއްކުމުގެ ގާބިލުކަން ކުންފުނީގައި ހުރިކަން ކަށަވަރެވެ. “ފުލައިޓުތަކަށް ތެޔޮ އެޅުމާއި، ސީ ޓު އެއާ ކާގޯ އަދި އާންމު އެއާ ކާގޯގެ ޚިދުމަތްތަކުން ވެސް ރަނގަޅު އާމްދަނީއެއް ލިބެމުންދޭ” ކަމަށް އޭނާ ވިދާޅުވިއެވެ.
އައު ޓާމިނަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ ޓާމިނަލެއް ކަމަށްވާއިރު، މި ލޯނުތައް ނަގާފައިވަނީ އުޚުއްވަތްތެރި އިސްލާމީ ޤައުމުތަކުން ކުޑަ އިންޓަރެސްޓް ރޭޓެއްގައި، 20 އަހަރުގެ ދިގު މުއްދަތަކަށެވެ.
ޝަރީފު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައު ޓާމިނަލާއެކު ޑިއުޓީ ފްރީ އަދި އެފްއެންބީގެ ޚިދުމަތްތަކުން ލިބޭ އާމްދަނީ އިތުރުވެ، އެއާޕޯޓަށް އަންނަ އެއާލައިންތަކުގެ އަދަދާއި ޝެޑިއުލް ފްލައިޓްތައްވެސް އިތުރުވާނެއެވެ.

