ރ. އަތޮޅު މާމުނަގައު ރިސޯޓުގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ ކަނޑައިގެން ގޮސްފައިވާ ޕްލެޓްފޯމް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށް ކަށެވެ.. އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރިއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްވަރެކެވެ. ވައި ގަދަވެ، ކަނޑު އަޑިން ބޮޑެތި އޮއިވަރު އުފެދި، ރާޅު ބޮޑުވެފައިވާ ދުވަސްތަކެކެވެ. މިފަދަ ނުރައްކާތެރި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަލާމަތީ ބާރުތަކުން ދަނީ އާންމުންނަށް އިލްތިމާސްކުރަމުންނެވެ.
މި ވަގުތު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

