ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކުގެ ތެރެއިން، އެއާޕޯޓުގެ ކާރު ކިއު އަދި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން އަރުވާ-ބޭލުމަށް ކާރުތައް މަޑުކުރާ ސަރަހައްދަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ނިންމާފައެވެ.
އެމްއޭސީއެލްއިން މިކަމާ ގުޅޭގޮތުން ދިން މައުލޫމާތުގައި، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑުނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރަންޖެހޭނީ އިންޓަރނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައެވެ.
މި ބަދަލާއެކު، ހުޅުލޭގެ ދެކުނު ފަރާތުގައި މިހާރު ހުރި ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރެވޭނެއެވެ. އަދި އެތަނުގައި ކިއު ބެލެހެއްޓުމުގެ މަސައްކަތް އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް (އީއެސްއެސް) އިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެއާޕޯޓަށް ގެންނަ މި ބަދަލުތަކުގެ ތެރޭގައި، އެމްޓީސީސީގެ ބަސްތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މީގެ ފަހުން އެމްޓީސީސީގެ ބަސްތައް މަޑުކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސްހުއްޓީގައި ކަމަށް އެމްއޭސީއެލްއިން ވަނީ އިއުލާނުކޮށްފައެވެ.

