މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުން ކުރިއަށްދާނީ ޖުލައި 20 ވަނަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަގު ހުށަހެޅުން އޮންނާނީ ޖުލައި 31 ވަނަ ދުވަހުގެ 9:00 ގައި ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ އަދި ގަޑިޖެހުމަށްފަހު އަންދާސީ ހިސާބު ހުށަހަޅަން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ކުރީކޮޅު ވެސް ވަނީ ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންގެ ނަމުގައި ދެ ޕަމްޕު ގެނެސްފައެވެ. މި ޕަމްޕުތައް މިހާރު ބަލަހައްޓަމުން އަންނަނީ މިނިސްޓްރީ އޮފް ޑިފެންސުންނެވެ.
ކުރިން ގެނެވުނު ޕަމްޕުތަކަކީ ފެން ގަނޑުތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރުކޮށްލެވޭ ޕަމްޕުތަކެކެވެ. މި ޕަމްޕުތަކުން މިނެޓަކު 11,356.24 ލީޓަރުގެ ފެން ބޭރުކުރެވެއެވެ. މި ފަހަކަށް އައިސް މާލޭގައި ފެންބޮޑުވާ މައްސަލައަށް އަންނަނީ ބޮޑުތަނުން ހައްލު ލިބެމުންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުން،" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ. މިހާތަނަށް ކައުންސިލުން ވަނީ 15,000 އަށްވުރެ ގިނަ ކާނު ސާފުކޮށްފައެވެ.

