މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މާލެއިން ފުލުހަކު ހިމެނޭގޮތަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ ދިލްބަހާރުގޭ އައިޝަތު ޝިޔާޒާ (31 އަހަރު) އާއި ހއ. ދިއްދޫ ހަޒާރުމާގޭ ސައިފުﷲ އަޙްމަދު (26 އަހަރު) އެވެ. އައިޝަތު ޝިޔާޒާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރެކެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާ 5 ދުވަހުގެ މުއްދަތަށް އަދި ސައިފުﷲ އަޙްމަދު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.

