ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކޮށް، އެ ބޭންކުގެ 40 ވަނަ ބްރާންޗު ރ.ދުވާފަރުގައި މިއަދު ހުޅުވައިފިއެވެ. މި ބްރާންޗާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗުތައް ޤާއިމުކުރެވުނީއެވެ.
ދުވާފަރުގައި ޤާއިމުކުރި އައު ބްރާންޗުގެ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު އާއި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިން އޮފިސަރ ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވާފަރުގައި ހުޅުވި އައު ބްރާންޗަކީ “އިސްލާމިކް ފައިނޭންސިން ފަސްޓް” ސިޔާސަތުގެ ދަށުން އިސްލާމީ މާލީ ޚިދުމަތްތަކަށް އިސްކަންދީގެން މަސައްކަތްކުރާ ތަނެއްކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. މިހާރު ބޭންކުން ޚިދުމަތްދޭ 40 ބްރާންޗާއި، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 188 އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވެއެވެ.
ބީއެމްއެލްގެ ފުރަތަމަ ބްރާންޗު މާލޭގައި ޤާއިމުކުރެވުނީ 1982 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޭންކުން ވަނީ ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، މާލީ ޚިދުމަތްތަކަށް އާންމުންނަށް ވާސިލުވެވޭ ގޮތްތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގ ޙައްލުތައް ފުޅާ ދާއިރާއެއްގައި ބޭންކުން ފޯރުކޮށްދެމުން ގެންދެއެވެ.
ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

