ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ގައުމީ ހެލްޕްލައިންގެ ޚިދުމަތް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން މިކަން އަންގައިދެމުން ބުނެފައިވަނީ، ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް، ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް 7265402 ނަންބަރުން ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްޕްލައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޚިދުމަތް އަލުން އިއާދަކުރެވުމުން އެކަން އާންމުކޮށް އަންގާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ފާއިތުވި 21 ފެބްރުއަރީ 2024 ގައި އިފްތިތާޙުކުރެވުނު މި ހެލްޕްލައިންގެ ނަންބަރަކީ 1677 އެވެ. މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި ތިބޭ ފަރާތްތަކަށާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ މިންވަރު އިތުރުވަމުން އަންނައިރު، މި ހެލްޕްލައިންގެ ޚިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުމަކީ ގިނަ ފަރާތްތަކުން އެދޭ ކަމެކެވެ. އެހެންކަމުން، ވަގުތީ ގޮތުން ދެވޭ ނަންބަރުން ޚިދުމަތް ހޯދުމަށް ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ގޮވާލައިފައިވެއެވެ.

