މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު، ކުޑައިއްބެގެ ނަމުގައި ފޭކް ވައިބަރ އެކައުންޓަކުން ޑޮލަރު މާރުކުރުމުގެ ކަޅު މާކެޓުގައި މީހުންނާ ވާހަކަ ދައްކައި ޑީލް ކުރަމުންދާ ކަމަށް ކުޑަ އިއްބެ ބުނެފިއެވެ.
އިއްބެގެ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައި ހުރި ޕޯސްޓުތަކެއްގައި އިއްބެގެ ނަމުގައި ހަދާފައިވާ ވައިބަރ އެކައުންޓަކުން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ މުއާމަލާތްތަކެއް ފެންނަން ހުއްޓެވެ. އިއްބެ ބުނެފައިވަނީ އޭނާގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓެއް ކަމަށާއި މިކަމަށް ސަމާލުވުމަށެވެ،
"ސަމާލު!!! އަހަރެންގެ ފޮޓޯއާއި ނަން ބޭނުން ކޮށގެން މި ޖަރީމާ ހިންގާ ފަރާތާ މެދު ސަމާލުވުން އެދެން!"
އިއްބެފަދަ ނަން މަޝްހޫރު މީހުންގެ ނަމުގައި އެކައުންޓްތައް ފެނުމުން އެއީ ތެދު ކަމަށް ހީކޮށް އިތުބާރުކޮށް އެސްކޭމްގައި ޖެހި ތިމާވެސް އެކަމުގައި ބައިވެރިވުން ފަދަ ކަންކަމުން ރައްކާތެރިވުން މުހިންމެވެ،
ފަހަކަށް އައިސް ވައިބަރ، ވަޓްސްއަޕް ފަދަ އެޕްތަކުން، އެހެންމީހުންގެ އައިޑެންޓިޓީ ބޭނުންކޮށްގެން މީހުންނާ މުއާމަލާތްކޮށް، ފައިސާ އަތުލުމާއި އަދިވެސް އެހެނިހެން ބޮޑެތި ޖަރީމާތައް ހިންގުމަކީ އާންމުވަމުން އަންނަ ކަމެކެވެ. އަމުދުން ޑޮލަރުގެ ކަޅު ބާޒާރުފަދަ ތަންތަނުގައި އެފަދަ ވިޔަފާރިކުރަން ވެސް ދަނީ އިތުރުވަމުންނެވެ. ހަމަމިއާއެކު އެކައުންޓުތައް ހެކްކޮށްގެން ސްކޭމް ހިންގުންވަނީ އިތުރުވެފައެވެ. ތިމާގެ ނަމުގައި ދޮގު އެކައުންޓެއް ހަދައިގެން އެއްވެސް ކަމެއް ކުރަމުންދާ ނަމަ އަދި ވައިބަރ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ.




