ޒުވާނުން ބާރުވެރިކުރުވާ،ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ “އަހަންނަކީ ނޫސްވެރިއެއް” ޕްރޮގްރާމް ރ. އަތޮޅުގައި ފަށައިފިއެވެ.
މިއީ މި ގޮތަށް އަތޮޅުތެރެއަށް ހާއްސަކޮށްގެން ހިންގޭ 3 ވަނަ ޕްރޮގްރާމެވެ.
މި ޕްރޮގުރާމް ރ. އަތޮޅުގައި ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން ވިދާޅުވިގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިދޭއިރު، މައުލޫމާތުގެ ތެދު ދޮގު ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، މި ޕްރޮގުރާމްގެ ޒަރިއްޔާއިން ޚަބަރުތަކުގެ ތެދު ދޮގު ދެނެގަންނާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
“އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަގްވާމީ ޕްރެކްޓިސްތަކަށް މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެކެވެ.
ރ. އަތޮޅުގައި ފެށި ތަމްރީން ޕްރޮގުރާމް 3 ދުވަހުގެ މުއްދަތަކަށ ްކުރިއަށް ގެންދާއިރު، މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 37 މީހުން ބައިވެރިވެއެވެ.

