4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހޯމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކަން އިއުލާންކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުގައި، ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ޙަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ދާންޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ “ފަހި ޕޯޓަލް” މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އަންގަމުންދާނެކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު، ކުއްޔަށްހިފާ ފަރާތާއި ކޯ-އެޕްލިކަންޓްގެ އައިޑީކާޑު ކޮޕީއާއި، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ، އަދި ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު ގެންދިއުމަށް ވަނީ އަންގާފައެވެ.
މި 4000 ހައުސިންގ ޔުނިޓް ހަވާލުކުރެވެނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ނެރުނު ލިސްޓުގައިވާ މަޢުލޫމާތު އަލުން ވެރިފައިކުރުމަށްފަހު، އެންމެ ޙައްޤުވެރި ފަރާތްތައް ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށް ފަހުގައެވެ. މި ލިސްޓް އޭސީސީންނާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޚާއްސަ ކޮމިޓީއަކުން ވަނީ މުރާޖަޢާކޮށްފައެވެ.
ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު، އެ ޝަކުވާތައް ބަލައި، މިހާރު ދަނީ ފްލެޓް ލިބޭ ދާއިމީ ފަރާތްތައް ކަނޑައަޅަމުންނެވެ. ފްލެޓް ލިބޭކަން ކަށަވަރުކޮށް، އެކަން އަންގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ.

