ކަނޑު ދަތުރުފަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ކަނޑުދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އަދި އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމާއި ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
މީގެ އިތުރުން އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއި އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމާއި އެމަރޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެޓުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބުރުގާ އަޅުއްވާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި ވިއްސާރަ ކޯޓު ބޭނުންކުރައްވާ ފަރާތްތަކުން ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުން ކުރުން، އަދި ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުމާއި އުޅަނދުގެ ހެޑްލައިޓް އަދި ޓެއިލްލައިޓް ދިއްލާފައި ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރުގެ 911އަށް ގުޅުމަށް ރައްޔިތުންގެ ކިބައިން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

