މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް، ހއ.ތުރާކުނު، އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ އަމިއްލަ އެކްސް އެކައުންޓްގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓުގައި ވަނީ މިނިސްޓަރ ސަޢީދުގެ ބައްޕާފުޅު އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.
އަދި މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށާއި، ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ “މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން.” މިފަދައިންނެވެ.

