ކޯމާއެއްގައި އޮންނަވާތާ 20 އަހަރުވެފައިވާ ސަޢުދީ ޢަރަބިއްޔާގެ އަމީރެއް ކަމަށްވާ އަލްވަލީދު ބިން ޚާލިދު ބިން ޠަލާލް އަވަހާރަ ވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ޚާއްސަ މެޑިކަލް ފެސިލިޓީއެއްގައި ޕްރިންސް އަވަހާރަވެފައިވާކަން އެނގުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ.
“ސްލީޕިންގ ޕްރިންސް”ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީރު އަލްވަލީދު ކޯމާއަކަށް ދިޔައީ އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވި ދުވަސްވަރު އެކްސިޑެންޓެއްވުމަށް ފަހުގައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. 2005 ވަނަ އަހަރު ލަންޑަންގައިވި މި އެކްސިޑެންޓަށްފަހު އެއްވެސް ވަރަކަށް އޭނާގެ ހޭ އަރައިފައެއް ނުވެއެވެ.
ޕްރިންސް އަވަހާރަވިއިރު، އުމުރުފުޅުން 36 އަހަރެވެ.
1990 ވަނަ އަހަރުގެ އޭޕްރީލް މަހު އުފަންވެވަޑައިގެން ޕްރިންސް އަލް ވަލީދަކީ ސައުދީގެ މަޝްހޫރު ޝާހީ އާއިލާއެއް ކަމަށްވާ ޕްރިންސް ޚާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުން އަދި ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ކޮއްކޯފުޅެވެ.
ފާއިތުވި 20 އަހަރު އަމީރު އަލްވަލީދު އޮންނެވީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ދިރުއްވުމާއި މަރު ހިއްޕެވުމަކީ ހަމައެކަނި الله ގެ އަތްޕުޅުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ، އަލްވަލީދުގެ ބައްޕާފުޅު، ޚާލިދު ބިން ޠަލާލް ވަނީ އޭނާގެ ދަރިކަލުން ވެންޓިލޭޓަރުން ނެގުމަށް ދެކޮޅުހައްދަވައިފައެވެ.
އެމެރިކާ އަދި ސްޕެއިންގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭހެން ފަރުވާ ދިން ނަމަވެސް އަލް ވަލީދަށް ޝިފާއެއް ލިބިވަޑައެއްނުގަތެވެ.

