ހދ. ކުޅުދުއްފުއްޓަށް ވައިގެމަގުން މަސްތުވާތަކެތި އެެތެރެކުރަން އުޅުނު ދެ މީހަކު އެ ރަށު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވައިގެމަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ، ލީޑް، އުމުރުން 29 އަހަރުގެ މުހައްމަދު ހުމާމް ހަސަން ނައީމް، އާއި މ. އަރޫދާގެ، އުމުރުން 53 އަހަރުގެ އަބްދުﷲ އިބްރާހިމްއެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

