ދަރިފުޅު އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލައެއްގައި، ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ (40އ) ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް އާމިނަތު ޝިފްޒާ ހާޒިރުކުރަން ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވެއެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
އާމިނަތު ޝިފްޒާ ހާޒިރުވާން ޖެހޭނީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00 ގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމްއަށް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝިފްޒާ އަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއް ކަން ވެސް ފާހަގަކުރެވެއެވެ.

