ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުންގެ އަބުރަށް އަރައިގަނެފައިވާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސިވިލް ކޯޓުގައި އަބުރުގެ ދަޢުވާ އުފުލާފައިވެއެވެ.
ކޯޓުން މައްސަލަ ނިންމާފައިވަނީ ދަޢުވާ ރައްދުވާ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ. އެއީ ދަޢުވާއަށް ޖަވާބުދިނުމަށް ކޯޓުން ދިން މުއްދަތުގައި އެ ފަރާތްތަކުން ޖަވާބު ހުށަނޭޅުމުންނެވެ. މުއްދަތު ހަމަވުމަށްފަހު ޖަވާބު ހުށަހެޅި ނަމަވެސް، ކޯޓުން ނިންމީ ޣައިރު ހާޒިރުގައި ހުކުމްކުރުމަށެވެ.
ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ ތިން ކަމަކަށެވެ. އެއީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ދަރިކަލުންނަށް ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގަނެފައިވާކަމަށް ކަނޑައެޅުމާއި، ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅުމާއި، އަދި ދެއްކި ވާހަކަތަކަށް މަޢާފަށް އެދުމަށް އަމުރުކޮށްދިނުމަށެވެ.
ކޯޓުން ނިންމާފައިވަނީ ފައްޔާޒާއި އެމްޑީޕީން މަޢާފަށް އެދެންޖެހޭނެކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް ރައީސްގެ ދަރިކަލުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގަނެވިފައިވާކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ފަސްޓް ލޭޑީ ސާޖިދާއަށް ލިބިވަޑައިގަންނަވާނެކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

