ޓްރާންސް މޯލްޑިވިއަން އެއާވޭސް، ޓީއެމްއޭއިން މިދިޔަ މަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމި ނިންމުން ބާތިލްކޮށް، ކުރިއެކޭ އެއްގޮތަށް މުސާރަ ޑޮލަރުން ދޭން ނިންމައިފިއެވެ.
މިދިޔަ މަހު ޓީއެމްއޭއިން ނިންމާފައިވަނީ ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފެއްގެ މުސާރައިގެ 20 ޕަސެންޓް ދިވެހި ރުފިޔާއިން ދިނުމަށެވެ. މި ނިންމުމާ ގުޅިގެން ކުންފުނީގެ ޕައިލެޓުން ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލަން ނިންމާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމަށްވާ ޓީއެމްއޭގައި 200 އަށްވުރެ ގިނަ ޕައިލެޓުން މަސައްކަތްކުރެއެވެ. އެ ކުންފުނީގެ ޖޫނިއަރ ކެޕްޓަނުންނަށް މަހެއްގެ މައްޗަށް 6،000 ޑޮލަރު ލިބޭއިރު، ސީނިއަރ ކެޕްޓަނުންނަށް 12،000 ޑޮލަރާ ހަމައަށް މުސާރަ ލިބެއެވެ.
ޓީއެމްއޭއިން މުސާރައިގެ ބައެއް ރުފިޔާއިން ދޭން ނިންމި ނިންމުމަކީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހުމާ ގުޅިގެން ނިންމި ނިންމުމެކެވެ. އެ ކުންފުނިން ވަނީ އެމްއޭސީއެލްއަށް ދައްކަންޖެހޭ ބައެއް ފީތަކާއި ޖެޓް ފިއުލްގެ ހަރަދު ރުފިޔާއިން ދެއްކުމަށް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް އެމްއޭސީއެލްއިން އެއްބަސްވެފައެއް ނުވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން “ކެޓެގަރީ އޭ” ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެއެވެ. އަދި “ކެޓެގަރީ ބީ” ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެއެވެ.

