ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތާރީޚީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން އެމްއޭސީއެލްއިން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން “މިހާރު” އަށް ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި މި ކުރިއަށް ގެންދަނީ، މިހާތަނަށް ރާއްޖޭގައި ނުފެންނަ ވަރުގެ ހަވާއެރުވުމާއި އޭގެ އިތުރުން ޑްރޯން ޝޯ އާއި އަދިވެސް ސަޕްރައިޒިން އިވެންޓްތައް ކުރިއަށް ގެންދާނެ،” ލަމްއާން ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ. ޕްރޮޖެކްޓަށް ގެނައި ބަދަލުތަކާ އެކު، މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ޚަރަދުކުރި ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ވީއައިއޭގެ އާ ޓާމިނަލް ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ތާރީޚީ ހަވާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވުމަށް 2018 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު ބޭއްވި ހަވާއެރުވުމެވެ.

