މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ގަސްތުގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އަދި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
“މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާ ހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށް ޓަކައި،” އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް ފާހަގަކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ކުރިންވެސް ދެމުން އައި އުސޫލުތަކާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، ކުރިއަށް ގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްއޭސީއެލްއިން ވަނީ މިފަދا ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް އިލްތިމާސްކޮށް، ޒިންމާދާރުކަމާއެކު ކަމުގެ އަސްލާ އެއްގޮތަށް މައުލޫމާތު ހިއްސާކުރުމަށް ގޮވާލާފައެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށްކަމަށްވެސް އެ ކުންފުނިން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.

