އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކެރިއޭޖުވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. އަދި މިވަގުތު އެޗްވީ ކޭބަލް ޕައިޕް އެޅުމާއި ޕަމްޕް ސްޓޭޝަންގެ ކާސްޓިންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުނެފިއެވެ.
56.11 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ޖުމްލަ 2678 މީޓަރުގެ 10 މަގު ތަރައްގީކުރެވޭނެއެވެ. މީގެ ތެރޭގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ އިތުރުން 4193 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި 14,452 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުންވެސް ހިމެނެއެވެ.
މި މަޝްރޫއު ނިމުމުން އުކުޅަހުގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

