ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި ނިންމުމަކީ ބޭންކް އޮފް މޯލްޑިވްސްއިން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްލޭންގައި، އެސް.ޑީ.އެފް.ސީ ގަތުމަށްފަހު ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، ވިޔަފާރި ފެށުމަށް އަލަށް ކުރިމަތިލާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ރޭވިފައެވެ.
މި ބަދަލާއެކު، އެސް.ޑީ.އެފް.ސީ ހިންގުމަށް ވަނީ މުހިންމު ބަދަލުތަކެއް ގެނައުމަށް ރޭވިފައެވެ. އޭގެތެރޭގައި އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ހިންގުމާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މިހާރު ދޫކުރަމުންދާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށްވުރެ ބޮޑުނުވާ ގޮތަށް ލޯނު ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފުޅާ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، ލޯނު ޕްރޮސެސްކުރުން އަވަސްވެ، މުޅި ކުންފުނީގެ ހިންގުން ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ޕަބްލިކް ކުންފުންޏަކަށްވުމާއެކު، އެސް.ޑީ.އެފް.ސީގެ ގަވަރނަންސް އިތުރަށް ހަރުދަނާވެ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

