މައިބަދައިގެ ރިއްސުމަކީ މިހާރުގެ ދުނިޔޭގައި ވަރަށް ގިނަ ބަޔަކަށް ދިމާވަމުންދާ ޞިއްޙީ މައްސަލައެކެވެ. މިއީ ޚާއްޞަކޮށް އޮފީސް މާޙައުލުގައި މަސައްކަތްކުރާ މީހުންނާއި، ގިނަ ވަގުތު އިށީނދެ ތިބެންޖެހޭ މަސައްކަތްތައް ކުރާ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. އަދި ރަނގަޅު ކާނާ ނުކެއުމާއި ސިއްހަތަށް ފަރުވާތެރިނުވެވުމުގެ ސަބަބުންވެސް މައިބަދައިގައި ރިއްސާ ގޮތްވެއެވެ.
މައިބަދައިގެ ރިއްސުން ކުރިމަތިވާ މައިގަނޑު ސަބަބުތައް
މައިބަދައިގެ ރިއްސުން ކުރިމަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގިނަ ވަގުތު އިށީނދެ ތިބުމާއި، ކާރު އަދި ސައިކަލު ދުއްވުމާއި، ބަރު އެއްޗެހި އުފުލުމާއި، އެކަށީގެންނުވާ ގޮދަނޑީގައި ނިދުން ހިމެނެއެވެ. މީގެ އިތުރުން، ވެއްޓުމުގެ ސަބަބުން ލިބޭ އަނިޔާތަކާއި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެގެން ދެއެވެ.
މައިބަދައިގެ ރިއްސުން ލުއި ކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތައް:
- ރިއްސާނަމަ މައިބަދައިގެ ރިއްސާ ދިމާލުގައި ހޫނުފެނުން ބޮނޑިތާން ކުރުން.
- މައިބަދައިގެ މަސްތަކަށް ބާރުލިބޭ ގޮތަށް ކުރެވޭ ލުއި ކަސްރަތުތައް.
- ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުން: އިތުރު ބަރުދަނުގެ ސަބަބުން މައިބަދައަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން.
- އިށީންނައިރު ހަށިގަނޑު ތެދުކޮށް ސީދާކޮށް އިށީނުން،
- ނިދާހޭލާއިރު ވެސް ކުއްލިއަކަށް ފުންމައިގެން ތެދުވުމުގެ ބަދަލުގައި މަޑުމަޑުން ތެދުވެ ހަށިގަނޑު ސީދާކޮށް ސްޓްރެޗިން ހަދާލުން

މައިބަދައިގައި ރިއްސުމަށް ކަސްރަތާއި ކެއިންބުއިމުގެ އާދަތަކުންވެސް ލުއިލިބިދާނެ —ފޮޓޯ:އައިސްޓޮކް
ގޭގައި ދެވިދާނެ އެހެނިހެން ފަރުވާތައް؛
ފުރަތަމަ ކަސްރަތަކީ ފާރާ ކައިރީގައި ކޮޅަށް ހުރުމަށްފަހު ކުޑަކޮށް ކުރިއަށް ޖެހި، ފާރަށް ފުރަގަސްދީ ގުދުވުމެވެ. މިގޮތަށް ގުދުވާއިރު ކަކުލު ހުޅުން ނުލެނބޭނެހެން މައިބަދަ ސީދާކޮށް ބަހައްޓައި، އުނަގަނޑު ފާރާ ދިމާ ކޮށްލައި، ކޮނޑު ނުލަނބާ ދެއަތް ތަޅުންގަނޑާ ކައިރިކުރަން ޖެހެއެވެ. މިކަސްރަތު 5 ފަހަރު ތަކުރާރު ކުރަންވާނެއެވެ.
ދެވަނަ ކަސްރަތަކީ ފާރަށް ކުރިމަތިލައި، ފާރާ ވީހާވެސް ކައިރިވެ، ދެއަތްތިލަ ފާރުގައި ޖައްސައި، ކޮނޑު ފިއްތާލައި މޭ އުފުލުމަށްފަހު ފާރުގައި އަތްތިލައިން ބާރުލުމެވެ. މިކަސްރަތު ކުރާއިރު ބަނޑު އެތެރެއަށް ހިންދައި، އުނަގަނޑު ބޭރަށް ނުނެރޭ ގޮތަށް ބާރުލާން ވާނެއެވެ.
ތިންވަނަ ކަސްރަތަކީ ފާރާ ދެފިޔަވަޅު ދުރަށްޖެހި، ފުރަގަސްދީ ހުރެ، ދެއަތްތިލަ ފުރަގަހުން ފާރުގައި ޖެއްސުމެވެ. މިކަސްރަތު ކުރާއިރު ކޮނޑު ފިއްތާލައި، މޭ ބޭރަށް ނެރެ، އަތްތިލައަށް ބާރުލައި، 5 އާ ހަމައަށް ގުނަންދެން ހިފަހައްޓަން ޖެހެއެވެ. މިއީ ގޭގައި ތިބެގެންވެސް ފަސޭހައިން ކުރެވިދާނެ ކަސްރަތުތަކެކެވެ.
މައިބަދައިގެ ރިއްސުމަށް ބޭނުން ކުރެވިދާނެ ޤުދުރަތީ ބާވަތްތަކުގެ ބުއިންތަކުގެ ތެރެއިން ބައެއް ބުއިންތައް:
މިތަކެތީގައި ހުންނަ އެންޓި-އިންފްލަމެޓަރީ ބާވަތްތަކުގެ ސަބަބުން ރިއްސުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
- ރީނދުލާއި ކިރާ އެއްކޮށްގެން ރީނދޫ ކިރުތަށްޓެއް ބުއިން
- އިނގުރު ސައި،
- ގްރީން ޓީ،
ޑޮކްޓަރަށް ދައްކަންވީ ހާލަތްތައް
ގޭގައި ކުރެވޭ ފަރުވާތަކުން ނަތީޖާ ނުފެނި، ގިނަ ހަފްތާތަކެއް ވަންދެން މައިބަދައިގެ ރިއްސުން ދެމިގެންދާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ރިއްސުމާއެކު އެހެން ޞިއްޙީ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުން މުހިންމެވެ.

