ބ. ދަރަވަންދޫއަށް ނިސްބަތްވާ ފިރިހެނަކާއި އެއަތޮޅު ދޮންފަނަށް ނިސްބަތްވާ އަންހެނަކު ތިންވަނަ ފަހަރަށް ވަރިވެ، މިހާރު ވަނީ 5 އަހަރު ފާއިތުވެފައެވެ. ނަމަވެސް އަދިވެސް އަންހެންމީހާ ވަރިކުރިފުޅުގެ (ފިރިހެންމީހާގެ) ގެއިން ނުނިކުމެގެން އުޅޭ މައްސަލަ ހައިކޯޓުން ބަލައިފިއެވެ.
މިމައްސަލައަކީ ފުރަތަމަ ފިރިހެންމީހާ އޭނާގެ ވަރިކުރިފުޅު އެގެއިން 5 އަހަރުވީއިރުވެސް ނުނިކުމެގެން އޭނާ ނެރެދިނުމަށް އެދި ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މައްސަލައިގައި ބުނީ މި ދެމީހުން ތިން ވަނަ ފަހަރަށް ވަރިވެ، އެކަން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮކްޓޫބަރު 22، 2019ގައި ސާބިތުކޮށްދީފައިވާ ކަމަށެވެ. އެއަށްފަހު އަންހެންމީހާގެ ގާތުގައި ތަކުރާރުކޮށް އެގެއިން ދިއުމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު 5 އަހަރުވީއިރު އަދިވެސް އެ ގޭގައި ދިރިއުޅެމުންދާ ކަމަށެވެ، އެހެންކަމުން އަންހެންމީހާ އެގެއިން ނެރެދިނުމަށް އެދޭ ކަމަށެވެ.
2020ވަނަ އަހަރު ސެޕްޓެމްބަރު 10 ވަނަ ދުވަހު ރަށު ކޯޓުން ވަނީ އެމައްސަލަ ނިންމާފައެވެ. ކޯޓުން ނިންމީ، ފިރިހެން މީހާގެގޭގައި އަންހެންމީހާ ބައިންދަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި އެހެންކަމުން ކޯޓުން ހުކުމްއިއްވިތާ 48 ގަޑިއިރު ތެރޭގައި ފިރިހެންމީހާގެ ގެއިން ނުކުތުމަށް އަންހެންމީހާއަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރަށު މެޖިސްޓްރޭޓް ކޯޓުގެ މިހުކުމާ ހިތްހަމަނުޖެހޭތީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އަންހެންމީހާއެވެ.
މި މައްސަލައިގައި އަންހެންމީހާ ބުނެފައިވަނީ ތިންވަނަ ފަހަރަށް ކައިވެނި ކުރީ ”އެގެއިން ނެރެ ބޭރުކޮށްނުލާނެ” ކަމަށް ފިރިހެންމީހާ އެއްބަސްވުމުން ކަމަށެވެ. އަދި މިކަން ސާބިތުކުރުމަށް ދަރިން ހެކިންގެ ގޮތުގައި ހާޒިރުކުރަން އެދުނު ނަމަވެސް، މެޖިސްޓްރޭޓް ކޯޓުން އެ ފުރުސަތު ނުދީ އެންމެ އަޑުއެހުމަކުން މައްސަލަ ނިންމާލި ކަމަށް ބުނެފައިވެއެވެ.
ހައިކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، މެޖިސްޓްރޭޓް ކޯޓުގައި އަންހެންމީހާ ދަރިން ހާޒިރުކުރަން ބޭނުންވި ސަބަބަކީ ގޭތެރޭގައި ކަންހިނގާ ގޮތާއި، ޚަރަދުކުރާ ގޮތާއި، އާއިލީ ދިރިއުޅުމުގެ ކަންކަން އެނގޭނީ ދަރިންނަށް ކަމަށް ބުނެއެވެ. ނަމަވެސް ފިރިހެންމީހާގެ ފަރާތުން ބުނެފައިވަނީ ދަރިފުޅު މައްސަލައަށް ތަދައްޚުލްވުމަށް ހުށަހެޅީ މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމުގެ މަޖިލިސް އިއުލާން ކުރުމަށްފަހު ކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވަނީ، މެޖިސްޓްރޭޓް ކޯޓުން ގާނޫނު މާނަކުރުމުގައި ނުވަތަ ތަތުބީގު ކުރުމުގައި ގޯހެއް ހެދިކަމުގެ ގާނޫނީ ބަހުސެއް ހުށަހަޅާފައި ނުވާކަމާއި، ގާނޫނުއަސާސީގެ ހަމަތަކާ ޚިލާފަށް ހުކުމްކުރި ކަމަށް ބުނި ނަމަވެސް، އެއީ ކޮން ހަމަތަކެއްކަން ބަޔާންކޮށްދީފައި ނުވާކަމެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައިގެން އެ ނުކުތާތަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތްކަން އެނގެން ނެތުމުން، މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު އެއް މަސް ދުވަހަށް ލިބިދީފައިވާކަން އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.

