ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި ކުށްކުރިކަމަށް ތުހުމަތު ކުރެވެނީ އެ ކުޑަ އަންހެން ކުއްޖާއާ އާއިލީ ގޮތުން ތިމާގެ މީހެއްގެ މައްޗަށެވެ. މައްސަލައިގެ ތުހުމަތުގައި، އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މި މައްސަލަ ބަލަމުން އަންނަނީ އެ ރަށު ޕޮލިސް ސްޓޭޝަނާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގުޅިގެންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ބޮޑު ސީރިއަސް މައްސަލަތަކަށް ވާތީ، މިފަދަ މައްސަލަތަކުގައި އެ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

