އއ. މާޅޮހުގައި މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މަރާލި އެ ރަށު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމްއަށް ފޮނުވައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމްކުޑަ އަނިޔާތަކެއް ދީފައިވާކަން އެނގުމާ ގުޅިގެން، އޭނާ ފަރުވާ ދިނުމަށް މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 13 ވަނަ ދުވަހުގެ ދަންވަރު 1:50 ގައެވެ. ނަމަވެސް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށް އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަބްދުއްރަހްމާން ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު ބުނެފައިވަނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކު ނުކުރެވޭ ކަމަށެވެ.
އަދި މާޅޮހު ރައްޔިތުން ބުނާ ގޮތުގައި އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އަދި އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުކުރެވޭ ކަމަށްވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަބްދުއްރަހްމާންގެ ގާތިލު ހޯދުމަށް ތަހުގީގުގެ ތެރެއިން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މާޅޮހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

