ހިޖާމާ ޖެހުމުގެ ޚިދުމަތްދޭ “ފަޒީސް ހިޖާމާ ތެރަޕީ” އިން ހިޖާމާގެ އެންމެ ސެޝަނަކުން ތިން އިން ހަތަރު ކިލޯއަށް ބަރުދަން ލުއިކޮށްދޭނެ ކަމަށް ބުނެ އިސްތިހާރުކޮށްފައިވާތީ، އެފަދަ އިސްތިހާރުތައް ނުކުރުމަށް ހެލްތު މިނިސްޓްރީން އެ ކްލިނިކަށް އަންގައިފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހު ފަޒީސް ހިޖާމާ ތެރަޕީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޖާމާގެ އެންމެ ސެޝަނަކުން ތިން އިން ހަތަރު ކިލޯއަށް ބަރުދަން ލުއިކޮށްދޭނެ ކަމަށެވެ. އަދި މީގެ ކުރިން 1،000 ރުފިޔާއަށް ދެމުން އައި ޚިދުމަތް މިހާރު 500 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި އިސްތިހާރާ ގުޅިގެން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އާންމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެއްވެސް ދިރާސާއަކުން ސާބިތުވެފައިވާ ކަމެއް ނޫން ކަމަށް ބުނެއެވެ. މި މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ކަންކަން އިސްތިހާރުކުރުމުގައި އަމަލުކުރަންޖެހޭ ޚާއްސަ އުސޫލުތަކެއް އޮންނަ ކަމަށާއި، އެ އުސޫލާ ޚިލާފަށް އިސްތިހާރުކުރުން ހުއްޓާލުމަށް ފަޒީލާއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެންގުމާ ޚިލާފަށް އަމަލުކުރާނަމަ އިތުރު ފިޔަވަޅުތައް އަޅާނެއެވެ. މީގެ ކުރިން ވެސް ފަޒީލާގެ ކްލިނިކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި އެކި ބަލިތަކަށް ފަރުވާދޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ހުއްދަ ނުނަގައި ހިޖާމާ ޖެހުން ފަދަ ކަންކަން ހިމެނެއެވެ.
ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތަކީ މިންހެޔޮކޮށް ކެއުމާއެކު ގަވާއިދުން ކަސްރަތު ކުރުމެވެ. ނަމަވެސް ފަޒީލާގެ އިސްތިހާރުގައި ބުނެފައިވަނީ ހިޖާމާ ސެޝަނާއެކު ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރާކަށް ނުވަތަ ކެއުން ވަކި ގޮތަކަށް ބައްޓަންކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި ހިޖާމާ ޖެހުމަށްފަހު އެންމެ ކިލޯއެއް ވެސް ލުއި ނުވާނަމަ ޚަރަދަށް ދިޔަ ފައިސާގެ އިތުރަށް ކްލިނިކުން 1،000 ރުފިޔާ ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

