ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތިތައް ދިމާނުވާނެގޮތަށް މިއަހަރާއި އަންނަ އަހަރު ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފެށުމަކީ އެއް ވަޢުދެއް ކަމަށާއި، މިހާރު އެ ޚިދުމަތް ފެށިފައިވާއިރު، ރައްޔިތުންނާއި ސްކޫލް ކުދިންނަށް އެދޭގޮތަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި މިހާރު 2 ބަހުން ފެށިފައިވާ މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމް މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކުރުމުގެ ހުއްދަ ދެއްވާފައިވާކަމަށާއި، އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
"އެންމެ މުހިންމު އެއްކަމެއް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކެނދިކުޅުދޫ "މެންގްރޫވް އައިލެންޑު" ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހައްމިއްޔަތަށް އިޖާބަދީ، ރައްޔިތުން އެދޭގޮތަށް އިކޯ ޓޫރިޒަމް ފަށައި ފުޅާކުރުމަށް ގޮތްތަކެއް ހޯދައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ގިނަ ރަށްރަށުގައި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގިނަ މަޝްރޫޢުތައް ފެށޭނެކަމަށާއި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢުތައް ފެށި، ދެ އަހަރު ތެރޭގައި ހުރިހާ ވަޢުދެއް ފުއްދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

