ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި އަލަށް ހަދާ ވިޒިޓަރ ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެނދިކުޅުދޫ ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. މި ސެންޓަރަށް ދީފައިވަނީ “ދި މެންގްރޫވް ސެންޓަރ” މިނަމެވެ. މި ނަމުން ދައްކުވައިދެނީ އެރަށުގެ ތިމާވެއްޓަށް ޚާއްޞަވެފައިވާ ކަނޑުއޮޅި (މެންގްރޫވް) ސަރަޙައްދުތަކުގެ މުހިންމުކަމެވެ.
ކެނދިކުޅުދޫގައި ތަރައްޤީކުރާ ނޭޗަރ ޕާކު މަޝްރޫޢަކީ ކެނދިކުޅުދޫ ކައުންސިލާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭހެން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމުގެ ސިޔާސަތާއި، އެރަށުގައި އީކޯ ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް ބާރުއެޅުމަށް ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ތެރެއިން ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ހަރަކާތްތަކަށް ބޭނުންވާ ކެނޯ، ލައިފް ބޯޓު، ޕެޑަލް ބޯޓު އަދި އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބެޓްރި ބައިސްކަލާއި ބަގީފަދަ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

