ޑަޗް މިލްކް ޔޯގަޓް ޕެކެޓްގެ އަގު ބާޒާރުގައި ބޮޑުވެފައި ނުވާ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ. މިއީ ޕީއެންއެފްގެ މެންބަރު ނޫރުﷲ ސައީދު ރޭ ބޭއްވި ޖަލްސާގައި އެ ޕެކެޓްތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނުމާ ގުޅިގެން ވިޔަފާރިވެރިން ދީފައިވާ ރައްދެކެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަމުން ނޫރުﷲ ބުނެފައިވަނީ ކޮލަމްބޯއިން ރާއްޖެއަށް އާއިލާއާއެކު ބަދަލުވުމަށްފަހު، ކުދިންގެ އިންޓޯލަށް ގަންނަ ޑަޗް މިލްކް ޔޯގަޓް ޕެކެޓް 2023 ވަނަ އަހަރު 8 ރުފިޔާއަށް ލިބެން ހުރިއިރު، މިހާރު އެ ޕެކެޓް ލިބެނީ 11 ރުފިޔާއަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި މަހެއްގެ މައްޗަށް 60 ޕެކެޓް ގަންނައިރު، މިހާރު 480 ރުފިޔާ އިތުރަށް ހޭދަކުރަން ޖެހެއެވެ.
“ކުރިން ވެސް ބޭނުންކުރި ތަކެތި ގަންނަން މިހާރު ވެސް އިތުރަށް ހޭދަކުރަންޖެހޭ އެބަ. މިބޭފުޅުންނަށް ކިހާވަރެއްގެ ތަރައްގީއެއްތޯ މި ގެނެވުނީ. އިގްތިސާދަށް ކިހާވަރެއްގެ ކުރިއެރުމެއްތޯ ލިބުނީ،” ނޫރުﷲ ވަނީ ބުނެފައެވެ.
ނަމަވެސް ވިޔަފާރިވެރިންގެ ފަރާތުން މި ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ 2023 ވަނަ އަހަރު ބާޒާރުގައި 8 ރުފިޔާއަށް ވިއްކަން ހުރި ޑަޗް މިލްކް ޔޯގަޓް ޕެކެޓް މިހާރުވެސް އެ އަގުގައި ލިބެން ހުރި ކަމަށެވެ. އެއް ވިޔަފާރިވެރިއަކު ފާހަގަކުރި ގޮތުގައި ބައެއް ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކި ނަމަވެސް، ގިނަ ފިހާރަތަކުން މި ޕެކެޓް ވިއްކަމުން ދަނީ 8 ރުފިޔާގެ އަގުގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ ޕީއެންއެފްއިން ކޮންމެ ރެއަކު ސިލްސިލާކޮށް ޖަލްސާތައް ބާއްވަމުން ދާއިރު، އެ ޖަލްސާތަކުގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ކަމެވެ.

