އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، މުޅި އައްޑޫ ސިޓީއަށް ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ. ފެނަކައިން މައުލޫމާތު ދެއްވި ގޮތުގައި ކަރަންޓު ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ފެނަކައިން ކުރިން ހާމަކުރެއްވި ގޮތުގައި ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، 6 ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިފައިވެއެވެ. ނަމަވެސް މިހާރު ވަނީ ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެވިފައެވެ.
އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ކުރިމަތިވަމުން އައީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން ގިނަ ޖަނަރޭޓަރުތައް އޯވަހޯލްނުކޮށް ހުރުމުގެ ސަބަބުން ހަލާކުވަމުން ދިއުމާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ އައްޑޫ ސިޓީއަށް 3 އައު ޖަނަރޭޓަރު ފޮނުވާފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ފޮނުވި 1.8 މެގަވޮޓުގެ ޖަނަރޭޓަރުވެސް ހިމެނެއެވެ.
މީގެ އިތުރުން، އޯވަހޯލްނުކޮށް ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް މިހާރު ވަނީ އޯވަރހޯލްކޮށް ނިމިފައެވެ. އަދި ފެނަކައިން މަޢުލޫމާތު ދެއްވި ގޮތުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމުގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

