ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވާފައިވަނީ ނ. އަތޮޅު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދަވާނެ މަސައްކަތްތަކުގެ ތެރޭގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމާއި، ހަލާކުވެފައިވާ ފުޓްސަލް ދަނޑުތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރޭވިފައެވެ.
“ކުޅިވަރުގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރެވިގެންދާނެ. ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާއި، ހަލާކުވެފައި އޮތް ފުޓްސަލް ދަނޑު ހަދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިއަހަރުގެ މޭ މަހުގައި ތަޞްދީޤުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން “ޤައުމީ ކުޅިވަރު ފަންޑު” ގެ ނަމުގައި ފަންޑެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. މި ފަންޑުގެ މަޤްޞަދަކީ ދިވެހި ކުޅުންތެރިން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމާއެކު، ދިވެހި ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމެވެ.
ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް އަވަހަށް ނިންމުމަށްޓަކައި ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން، އާރްޑީސީ އަދި އެމްޓީސީސީއާ މަސައްކަތްތައް ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމި، ރައްޔިތުންނާ ހަވާލުކުރެވިފައެވެ.

