ނ. މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، އެރަށުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާނުކުރެއްވީ މަނަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވިގޮތުގައި، މިދިޔަ ދޮޅު އަހަރު ތެރޭގައި ސަރުކާރުން މަސައްކަތް ކުރައްވާފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގުތައް ތަނަވަސްކުރުމަށެވެ. “އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް، އެކަންކަން ހައްލުކުރެވި، މިހާރު ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެފައި” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަނަދޫގެ ނަރުދަމާ ނިޒާމުގެ މައްސަލަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން 10 އަހަރަށްވުރެ ގިނަ ދުވަހު ތަހައްމަލްކުރަމުން އައި މި ދަތިތަކަށް ހައްލު ގެނެވޭނީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރެވިގެން ކަމަށެވެ. މި މަޝްރޫޢު އާރުޑީސީން އަންނަ މަހު ފަށާނެކަމަށާއި، އެއާއެކު މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބައްދަލުވުމުގައި ރައީސް އިޢުލާނުކުރެއްވި އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި، އައު ހޮސްޕިޓަލް އެޅެންދެން މިހާރުގެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗް ތެރަޕީ އަދި އައިސީޔޫގެ ޚިދުމަތް ޤާއިމްކުރެވޭނެކަން ހިމެނެއެވެ. އަދި ތަޢުލީމީ ދާއިރާއިން ޔުނިވަރސިޓީ ކެމްޕަހަކާއި މަނަދޫ ސްކޫލްގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ގެދޮރުވެރިކަމުގެ ދަތިކަމަށް ޙައްލެއްގެ ގޮތުން މިއަހަރު 50 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށާއި، ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ ގޮތުން އަންނަ ނޮވެމްބަރު މަހު މަނަދޫން ސީދާ ރ. އުނގޫފާރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށްވެސް ރައީސް އިޢުލާނުކުރެއްވިއެވެ.

